Saturday, May 5, 2012

އެމްޕީބީއޭގެ ފުރަތަމަ ޢާންމު ބައްދަލުވުމާއި ހިންގާކޮމެޓީގެ އިންތިޚާބު ބާއްވައިފި

މޯލްޑިވްސް – ޕެލަސްޓައިން ބްރަދަރހުޑް އެސޯސިއޭޝަންގެ ފުރަތަމަ ޢާންމު ބައްދަލުވުމާއި ހިންގާ ކޮމެޓީ އެކުލަވާލުމުގެ ޖަލްސާ ރޭ (4  މެއި 2012) އަމީރު އަޙްމަދު ސްކޫލްގައި ބާއްވައިފިއެވެ. ކީރިތި ޤުރުއާނުގެ ބަރަކާތުން ފެށިގެންދިޔަ ބައްދަލުވުން ފެއްޓުމުގެ ގޮތުން ވާހަކަފުޅުދެއްކެވީ ޖަމިއްޔާގެ އެއް މުޢައްސިސް އަލްފާޟިލް ހަސަން ޝާކިރު މުޙައްމަދެވެ. އެގޮތުން ޖަމިއްޔާގެ މަޤްސަދާއި، ފަލަސްޠީނު މައްސަލައަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދެއްކެވިއެވެ.
މި ބައްދަލުވުމުގައި ޖަމިއްޔާގެ ހިންގާ ޤަވައިދަށް ބައެއް އިސްލާޙް ހުށަހެޅުނެވެ. އެގޮތުން މެމްބަރުންގެ އަތުން ޗަންދާގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވާ 50 ރުފިޔާ އުވާލުމާއި، ހިންގާ ކޮމެޓީގެ މަޤާމުތަކުގެ ތެރޭގައި ހިމެނޭ ނައިބު ރައީސްގެ މަޤާމަށް ދެ ބޭފުޅުން އިންތިޚާބު ކުރުމާއި، އިތުރު 3 މެމްބަރުން އިންތިޚާބުކުރުމުގެ ބަދަލުގައި 5 މެމްބަރުން އިންތިޚާބުކުރުން ހިމެނެއެވެ. މި ކަންކަން ވަނީ ޖަލްސާގައި ފާސްވެފައެވެ. އެގޮތުން ޗަންދާ އުވާލުމަށް ފާސްވެފައިވަނީ ޚާޒިރުވެ ތިއްބެވި 48 މެމްބަރުންގެ ތެރެއިން 36 މެމްބަރުންގެ އަޤުލަބިއްޔަތުންނެވެ. އަދި ނައިބު ރައީސްގެ މަޤާމާއި އިތުރު މެމްބަރުންގެ ޢަދަދު އިތުރުކުރުމަށް ފާސްކޮށްފައިވަނީ 35 މެމްބަރުންގެ އަޤުލަބިއްޔަތުންނެވެ.

Thursday, April 26, 2012

އިޒްރޭލް، ފަލަސްޠީނުގެ މިހާރުގެ މައްސަލަ - ތާރީޚީ ކުރު ޙުލާސާއެއް

19 ވަނަ ޤަރުނުގައި ފަލަސްޠީނަކީ އެ ޤައުމެއްގައި ވަރަށް އެކުވެރި އެއްބައިވަންތަކަމާއިއެކު ތަފާތު ފިކުރުތަކާއި، ތަފާތު އަޤީދާތަކެއްގެ ބަޔަކު ދިރިއުޅެމުންދިޔަ ޤައުމެކެވެ. އޭރު ފަލަސްޠީނުގެ އާބާދީގެ 86 އިންސައްތަ މުސްލިމުންނާއި 10 އިންސައްތަ ކްރިސްޓިއަނުންނާއި އަދި 4 އިންސައްތަ ޔަހޫދީން ދިރިއުޅެމުންދިޔައީ ސުލްހަވެރިކަމާއި އަމާންކަމާއިއެކުގައެވެ.

ޒަޔަނިޒަމް ނުވަތަ ޔަޒަނިސްޓް ހަރަކާތް


1800 ގެ ފަހުގެ އަހަރުތަކުގައި  ޔޫރަޕްގައި ދިރިއުޅެމުންދިޔަ ޔަހޫދީ ޒަޔަނިސްޓް ގްރޫޕަކުން އެމީހުންގެ އަމިއްލަ ބިމެއް ހޯދުމުގެ މަސައްކަތްފެށިއެވެ. އެއީ ޔަހޫދީންގެ ތެރޭގައި ހިމެނޭ ހައްދުފަހަނައަޅާފައިވާ ބައިމަދު ބައިގަނޑެކެވެ.  އެމީހުންގެ އަމާޒަކަށް ވެފައިއޮތީ ޔަހޫދީންނަށް ނިސްބަތްވާ ޔަހޫދީ ދަޢުލަތެއް އެކަށައެޅުމެވެ. އެގޮތުން ފަލަސްޠީނުގެ ބިންތަކަށް ވެރިވުމުގެ ކުރިން އެފްރިކާއާއި، އެމެރިކާގެ ބިންތައް ހޯދުމަށް އެމީހުން ވިސްނާފައިވެއެވެ.

Tuesday, April 24, 2012

މޯލްޑިވްސް - ޕެލަސްޓައިން ބްރަދަރހުޑް އެސޯސިއޭޝަން



ފަލަސްޠީންގެ މައްސަލައަކީ މިއަދުވެސް އަދި ދުނިޔެއާއި އިސްލާމީ ތާރީޚްގައިވެސް ކުރިމަތިވެފައިވާ އެންމެ ބޮޑެތި މައްސަލަތަކުގެ ތެރެއިން އެއް މަސަލައެވެ. އެހެނީ އިސްލާމްދީނުގެ އަދާވާތްތެރިން އެތައް ޒަމާނަކުންސުރެ އެބައިމީހުންގެ ބާރުގެ ދަށަށް ފަލަސްޠީނުގެ މުގައްދަސް ބިންތައް ގެންދިއުމަށް ކުރަމުންދާ މަސައްކަތްތަކަކީ ތާރީޚްގެ ޞަފްޙާތައް އުކާލުމުން ނުހަނު ފާޅުކަންބޮޑުގޮތެއްގައި ފެންނާން އޮތް ހަޤީޤަތެކެވެ. ޚާއްޞަ ގޮތެއްގައި ސަލީބީން އެމީހުންގެ މަކަރުވެރި ރޭވުންތަކާއި ލާއިންސާނީ އަޅުވެތިކަމުގެ ހަރަކާތްތަކުގެ އަމާޒަކަށް ފަލަސްޠީން ހަދާފައިވާކަން ތާރީހުން ފެންނާން އެބައޮތެވެ. އިސްލާމީ އެތަކެއް ޤާއިދުންނާއި ލީޑަރުންނާއި، މުސްލިހުން ވަނީ އިސްލާމީ އުންމަތާއި އެ އުންމަތުގެ ޝަރަފާއި އެ ދީނުގެ ކަރާމާތްތެރި ބިންތައް ހިމާޔަތްކޮށް އެދީން މަތިވެރިކުރެއްވުމުގެ މަސައްކަތް އެތަކެއް ބުރަމަސައްކަތްތަކާއިއެކު ކުރައްވާފައެވެ. ނަމަވެސް އިސްލާމްދީނުގެ އަދާވާތްތެރިން ގެންދަނީ ކެނޑިނޭޅި އެދީން ބަލިކަށި ކޮށްލުމަށް މަސައްކަތްކުރަމުންނެވެ.

Monday, April 16, 2012

ފަލަސްތީނުގެ ރައީސް އަންގާރަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ


ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ފުރަމާނަ ދަތުރުފުޅެއްގައި އަންނަ އަންގާރަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި ދިވެހި ސަރުކާރުގެ ދައުވަތަކަށް މަހުމޫދު އައްބާސް ރާއްޖެއަށް ކުރައްވާ ދަތުރުފުޅަށް ފަހު ފުރާ ވަޑައިގަންނަވާނީ ބުދަ ދުވަހު އެވެ. އެ ދަތުރުފުޅުގެ އިތުރު އެއްވެސް ތަފުސީލެއް އަދި ފޮރިން މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.
ފަލަސްތީނުގެ ރައީސް ރާއްޖެ މި ވަޑައިގަންނަވަނީ ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުން އިޒްރޭލާއެކު ގުޅުން ބަދަހިކުރަން އުޅުނު ކަމަށް ބުނެ ފާޑުކިއުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.